Back to Languages
Divehi - Chapter 45
Translation by Office Of The President Of Maldives
Verse 1
ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ)
Verse 2
މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ
Verse 3
ހަމަކަށަވަރުން، مؤمن ންނަށް އުޑުތަކާއި، ބިމުގައި (اللَّه ގެ قدرة ތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ
Verse 4
އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި يقين ކުރާ ބަޔަކަށް ހެކިތަކެއްވެއެވެ
Verse 5
އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށްފަހު، اللَّه، އުޑުން ވެއްސެވި رزق ން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ
Verse 6
އެއީ اللَّه ގެ آية ތަކެވެ. حق (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ آية ތައް ކިޔައިދެއްވަމެވެ. ފަހެ، اللَّه ގެ ފޮތާއި، އެކަލާނގެ آية ތަކަށްފަހުގައި، އެއުރެން إيمان ވާނީ ކޮންވާހަކަޔަކަށް ހެއްޔެވެ؟
Verse 7
ދޮގުހަދާ، ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުށްޓެވެ
Verse 8
اللَّه ގެ آية ތައް އެމީހަކަށް ކިޔައިދެވޭ އަޑުއަހައިމެ، ދެން އޭގެ އަޑު ނާހާފަދައިން ބޮޑާވެގަތުމާއެކު (كافر ކަންމަތީ ދެމިހުރުމަށް) ގަދަހަދާ މީހާޔަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ
Verse 9
އަދި ތިމަންރަސްކަލާނގެ آية ތަކުން އެއްޗެއް އޭނާއަށް އެނގިއްޖެނަމަ، އެއެއްޗެއް ފުރައްސާރައަކަށް ހަދައިގެން އުޅެތެވެ. އެއުރެންނަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ
Verse 10
އެއުރެންގެ ފަހަތުގައިވަނީ ނަރަކަޔެވެ. އަދި އެއުރެން ހޯދި އެއްޗަކުން ނުވަތަ اللَّه ފިޔަވައި އެއުރެން އެހީތެރިން ކަމުގައި ހިފިތަކެއްޗަކުން، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ
Verse 11
މިއީ (އެބަހީ: މި قرآن އަކީ) ތެދުމަގެކެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށް كافر ވި މީހުންނަށް ވޭންދެނިވި، އެންމެގަދަ عذاب ން عذاب ހުށްޓެވެ
Verse 12
اللَّه އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمة ތެރިކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ أمر ފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ
Verse 13
އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ
Verse 14
إيمان ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ ދުވަސްތަކަށް (އެބަހީ: އެކަލާނގެ عقوبات އަށް) ބިރުނުގަންނަ މީހުންނަށް މާފު (ކޮށް އެއުރެންގެ އުނދަގޫތަކަށް ކެތް) ކުރާހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެކަލާނގެ އެއުރެންނަށް ޖަަޒާ ދެއްވުމަށްޓަކައެވެ
Verse 15
صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ
Verse 16
ހަމަކަށަވަރުން، إسـرآءيـل ގެދަރިންނަށް ތިމަންރަސްކަލާނގެ ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެއުރެންނަށް رزق ދެއްވީމެވެ. އަދި (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް އެއުރެން މާތްކުރެއްވީމެވެ
Verse 17
އަދި دين ގެ ކަންތަކާމެދުގައި بيان ވެގެންވާ ހެކިތަކެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް علم އައުމަށްފަހުގައި މެނުވީ، އެއުރެން خلاف އެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامة ދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ
Verse 18
ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) شريعة އެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ
Verse 19
ހަމަކަށަވަރުން، އެއުރެންނަކަށް اللَّه ގެ حضرة ން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި اللَّه އީ، تقوى ވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ
Verse 20
މި قرآن އަކީ، މީސްތަކުންނަށްވާ އަލިގަދަ دليل ތަކެކެވެ. އަދި يقين ކުރާ ބަޔަކަށްވާ هداية އަކާއި، رحمة އެކެވެ
Verse 21
ނުބައިކަންތައް ކުރިމީހުން، إيمان ވެ صالح عمل ތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންރަސްކަލާނގެ ލައްވާނޭކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަވެގެންވާކަމަށް އެއުރެން ހީކުރީހެއްޔެވެ؟ އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ
Verse 22
اللَّه، އުޑުތަކާއި ބިން حق ގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދިކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
Verse 23
ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، اللَّه އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ اللَّه މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
Verse 24
އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علم އެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ
Verse 25
އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާގޮތުގައި ކިޔައިދެއްވާހިނދު، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން ތިމަންމެންނަށް ގެނެސްދޭށޭ ބުނުންމެނުވީ އެއުރެން ދައްކާނޭ حجّة އެއް ނުވެތެވެ
Verse 26
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުން ދިރުއްވައެވެ. ދެން އެޔަށްފަހު ތިޔަބައިމީހުން މަރުގަންނަވަތެވެ. ދެން قيامة ދުވަހަށް ތިޔަބައިމީހުން (ދިރުއްވައި) އެއްކުރައްވާނެތެވެ. އެކަމާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
Verse 27
އުޑުތަކާއި، ބިމުގެވެރިކަންވަނީ اللَّه އަށެވެ. އަދި قيامة ގެ ވަގުތު އަންނަދުވަހު، އެދުވަހުން باطل ގެ أهل ވެރިން ގެއްލި ހަލާކުވެދާހުށްޓެވެ
Verse 28
އަދި ކޮންމެ أمّة އެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާޔަށް ފެންނާނެތެވެ. ކޮންމެ أمة އެންމެ އެ أمّة އެއްގެ (عمل ގެ) ފަތުގެ ކައިރިޔަށް ގޮވައި ގެންނަވާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ
Verse 29
މިއީ ތިމަންރަސްކަލާނގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް حق ގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް (ملائكة ން މެދުވެރިކުރައްވައި) ލިޔުއްވީމެވެ
Verse 30
ފަހެ، إيمان ވެ އަދި صالح عمل ތައްކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އެކަލާނގެ رحمة ގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. ބަޔާންވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ
Verse 31
އަދި كافر ވި މީހުން ދަންނާށެވެ! (އެއުރެންނަށް އަންގަވާނެތެވެ.) ފަހެ، ތިމަންރަސްކަލާނގެ آية ތައް ތިޔަބައިމީހުންގެ މައްޗަށް ކިޔައިދެއްވާކަމުގައި ނުވޭހެއްޔެވެ؟ ދެން ތިޔަބައިމީހުން كبر ވެރިވެގަތީމުއެވެ. އަދި ކުށްވެރިބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ
Verse 32
އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދޭ، އަދި قيامة އާ ދޭތެރޭގައި شك އެއްނެތޭ ބުނާހިނދު، ތިޔަބައިމީހުން ބުނަމުއެވެ. قيامة އަކީ ކޮންއެއްޗެއްކަން ތިމަންމެން ނުދަންނަމުއެވެ. ތިމަންމެން (އެކަމާމެދު) ހީއެއްނޫނީ ނުކުރަމުއެވެ. އަދި يقين ކުރާބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ
Verse 33
އަދި އެއުރެންކުރި عمل ތަކުގެ ނުބައިކަން އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އައިސް، އެއުރެން ވަށައިލިއެވެ
Verse 34
އަދި އަންގަވާނެތެވެ. ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަން ތިޔަބައިމީހުން ހަނދާންނައްތައިލި ފަދައިން، މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނައްތަވާހުށީމެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި ތިޔަބައިމީހުންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ
Verse 35
އެއީ ތިޔަބައިމީހުން اللَّه ގެ آية ތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށްޓަކައެވެ. ފަހެ، މިއަދު އެއުރެން އެ ނަރަކަޔަކުން ނުނެރުއްވާނެތެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ
Verse 36
ފަހެ، حمد ހުރީ اللَّه އަށެވެ. (އެއީ) އުޑުތަކުގެވެރި، އަދި ބިމުގެވެރި، عالم ތަކުގެ ވެރިރަސްކަލާނގެއެވެ
Verse 37
އަދި އުޑުތަކާއި، ބިމުގައި عظمة ތެރިކަމާއި، ބާރުވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ