Back to Languages
Divehi - Chapter 71
Translation by Office Of The President Of Maldives
Verse 1
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، نوح ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ قوم ގެމީހުންނަށް إنذار ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި عذاب އައުމުގެ ކުރިންނެވެ
Verse 2
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ
Verse 3
(ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ
Verse 4
(އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ
Verse 5
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ
Verse 6
ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ)
Verse 7
އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ
Verse 8
ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ
Verse 9
ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ
Verse 10
ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ
Verse 11
(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ
Verse 12
އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ
Verse 13
ތިޔަބައިމީހުން اللَّه ގެ عظمة ތެރިކަމަށް اعتقاد ނުކުރަނީ ކީއްވެގެންހެއްޔެވެ؟
Verse 14
ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ތަފާތު مرحلة ތަކަކުންނެވެ
Verse 15
މަތިމައްޗަށް اللَّه، ހަތް އުޑުހެއްދެވީ ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީ ހެއްޔެވެ؟
Verse 16
އަދި އެކަލާނގެ އެ އުޑުތަކުގައި ހަނދު نور އެއްކަމުގައި ލެއްވިއެވެ. އަދި އެކަލާނގެ އިރު، ވޮށެއްގެ ގޮތުގައި ލެއްވިއެވެ
Verse 17
އަދި اللَّه، ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވިއެވެ
Verse 18
ދެން އެކަލާނގެ ތިޔަބައިމީހުން އެ ބިމަށް إعادة ކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެތެވެ
Verse 19
އަދި اللَّه، ތިޔަބައިމީހުންނަށްޓަކައި ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑުލެއްވިއެވެ
Verse 20
(އެއީ) އެބިމުން ތިޔަބައިމީހުން ތަނަވަސް މަގުތައް ހޯދައިގަތުމަށްޓަކައެވެ
Verse 21
نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެއުރެން މިއަޅާޔަށް އުރެދިއްޖައޫއެވެ. އަދި އެއުރެންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެއުރެންނަށް ގެއްލުމެއްނޫން އެހެންކަމެއް ނުލިބޭ މީހުނާ އެއުރެން تبع ވެއްޖައޫއެވެ
Verse 22
އަދި އެއުރެން ބޮޑުވެގެންވާ މަކަރުވެރި ރޭވުމެއް ރޭވޫއެވެ
Verse 23
އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ
Verse 24
އަދި ހަމަކަށަވަރުން، އެއުރެން ގިނަބަޔަކު މަގުފުރެއްދޫއެވެ. އަނިޔާވެރިންނަށް މަގުފުރެދުން ނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ
Verse 25
އެއުރެންގެ ފާފަތަކުގެ ސަބަބުން އެއުރެން غرق ކުރެއްވިއެވެ. ދެން އެއުރެން އަލިފާނަށް ވެއްދެވިއެވެ. ފަހެ، اللَّه ފިޔަވައި نصر ދޭނޭ ބަޔަކު އެއުރެންނަކަށް ނުފެނުނޫއެވެ
Verse 26
އަދި نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ
Verse 27
ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفر ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ
Verse 28
އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ